އިންތިޚާބާއި އެހެންވެސް ކަންކަމުގައި ސިޙުރު ހެދުން ހުއްޓާލުމަށް ގޮވާލާ ބަޔާން: ސްޕިރިޗުއަލް ހީލަރޒް އޮފް މޯލްޑިވްސް

ނަމްބަރު: 2013 / 01 / B

ނޫސްބަޔާން

Close Ad XGet My Ruqya Android App On Google Play

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

    މިދުވަސްވަރަކީ ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުން އަންނަ ދުވަސްވަރެވެ. އެހެންކަމުން ޤައުމުގެ ވަލިއްޔުލް އަމްރު ހޮވުމަށްޓަކައި، ކެނޑިޑޭޓުންނާއި އެ ކެނޑިޑޭޓެއްގެ ބައިވެރިންނާއި ތާޢީދުކުރާ މީހުން އެކި ގޮތްގޮތުން އެބައެއްގެ ކެނޑިޑޭޓު ވެރިކަމަށް ޢައްޔަންކުރުމަށްޓަކައި ގެންދަނީ މަސައްކަތްކުރަމުންނެވެ.

     ކަން މިހެން އޮތްއިރު، ޒަމާނުއްސުރެ، ސިޔާސީ ކަންކަމުގައި ކާމިޔާބު ހޯދުމަށްޓަކައި ސިޙުރު ހާހޫރައިގެ ބޭނުން ކުރަމުން އަންނަކަމީ ގިނަބަޔަކު ދަންނަ ކަމެކެވެ. މިގޮތުން މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށްޓަކައިވެސް އެކި ފަރާތްތަކުން ސިޙުރު ހަދަމުންދާކަމުގެ މަޢުލޫމާތު ދަނީ މިޖަމްޢިއްޔާއަށް ލިބެމުންނެވެ. ބައެއް ރަށްރަށުގައި، ދިދަ މެތުރުމަށްފަހު ވަހުތާން ޖެހުމާއި، ބޮނޑިބަތްފަދަ ކާބޯތަކެތީގެ ޒަރީޢާއިން ސިޙުރު ހަދާކަމަށާއި، އެއްޗެހި ކަނޑުފައްތާ ހަދަމުން ދާކަމަށާއި، ޖަގަހަތައް ކައިރިއަށް ފެން ކިޔަވާ އެޅުން ފަދަ ކަންކަން ކުރަމުން އަންނަ ކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ. އަދި މިއަދު، 3 ސެޕްޓެމްބަރު 2013 ގައި ކ.ގުރައިދޫ ސްކޫލު ދޮރުމަތިން ސިޙުރުހަދާފައިވާ ކަމަށް ބެލެވޭ، ލިޔެފައިވާ ކިހާކެއް ވަޅުލާފައިވަނިކޮށް ވަނީ ފެނިފައެވެ. އަދި މިމަޢުލޫމާތު ފުލުހުންގެ މީޑިއާއިން ކަށަވަރުކޮށްދީފައިވެއެވެ.

     ދިވެހި އެންމެހާ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ސިޙުރަކީ މާތް ﷲ ޙަރާމްކުރައްވާފައިވާ އެންމެ ބޮޑަތި ފާފަތަކުގެ ތެރޭގައި ހިމެނޭ ނުރައްކާތެރި ކަމެކެވެ. ސިޙުރު ހަދައިފިމީހާ ކާފިރުވާނެކަން ކީރިތި ޤުރުއާނުން ޞަރީޙަކޮށް އެނގެން އެބައޮތެވެ. މާތް ﷲ ބަޤަރާ ސޫރަތުގެ 102 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ބަސްފުޅުން މިކަން ވަރަށް ސާފުވެއެވެ. އަދި އިސްލާމީ ޝަރީޢަތުގައި ސިހުރުވެރީންގެ ޙައްދަކީ ކަނޑިން ޖަހާ މަރާލުމެވެ. އެހެންކަމުން، ތިމާމެންގެ މަޤުޞަދުތައް ޙާޞިލްކުރުމަށްޓަކައި މިފަދަ ކަންކަން ކުރުމަކީ ކަނޑައެޅިގެން ޙަރާމްކަމެކެވެ. އަދި ޝައިޠާނާއާއި ބައިވެރިވެ ކާފިރުވެގެން މެނުވީ ކުރެވޭނެ ކަމެއް ނޫނެވެ. ޝައިޠާނާއާއި ބައިވެރިވެ މިފަދަ ކަންކަން ކުރުމަކީ ބޮޑު ޝިރުކެވެ. އަދި ޚާއްޞަކޮށް ސިޔާސީ ބޭނުންތަކުގައި، ވޯޓާއި ތާޢީދު ހޯދުމަށްޓަކައި ހަދާ ސިޙުރު ނުވަތަ ފަންޑިތައަކީވެސް، އޭގެ ސަބަބުން އެ ސިޙުރު ޖެހޭމީހާއަށްވެސް ގެއްލުންތަކާއި ކުރިމަތިވެދާނެ ކަމެކެވެ. އަދި މިފަދަ ސިޙުރު ނުވަތަ ފަންޑިތަ ރައްދުވާ ފަރާތަކީ ހަމަ ނިކަމެތި ރައްޔިތުންނެވެ. ސުކޫލުތަކުގެ ދަރިވަރުންނަށްވެސް މިފަދަ ކަންކަމުގައި ހަދާފައިވާ ސިޙުރުގެ އަސަރުކޮށް އެކި ސުކޫލުތަކުގައި ކުދިން ހޭނެތުން ފަދަ ކަންކަން މީގެ ކުރިންވެސް ވަނީ ދިމާވެފައެވެ. ވީމާ، މިފަދަ ޢަމަލްތައް ކުރުން ހުއްޓާލުމަށާއި، ހުއްޓުވުމަށް، ސަރުކާރަށާއި، ކަމާބެހޭ ފަރާތްތަކަށާއި، ސިޔާސީ ޕާރޓީތަކަށާއި، ޢާއްމު އެންމެހާ ރައްޔިތުންނަށް ގޮވާލަމެވެ.

ދިވެހި ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ޤައުމެއް ކަމުގައި ޤާނޫނު އަސާސީގައި ލިޔެވިފައިވާއިރު، ސިޙުރު ފަދަ ޢާއްމުންނަށް ގެއްލުންވާ، ދީނުން ބޭރުވެގެންދާ ކަންކަން ކުރާއިރު، މިފަދަ ކަންކަމަށް ދީނުގައި ކަނޑައެޅިފައިވާ ޢަދުލުވެރި ޙައްދުތައް ޤާއިމްކުރުން އިސްލާމީ ވެރިއަކަށް ވާޖިބުވެގެންވާކަންވެސް މިފުރުޞަތުގައި ދަންނަވަމެވެ. އަދި، ﷲ ގެ ޙުކުމަށް ޙުކުމް ނުކުރާ މީހުންނީ، ކާފިރުންކަމާއި، ފާސިޤުން ކަމާއި، އަނިޔާވެރިންކަން މާތް ﷲ ކީރިތި ޤުރުއާނުގައި ވަރަށް ޞަރީޙަކޮށް ވަނީ ބަޔާންކުރައްވާފައެވެ.

މިދުވަސްވަރަކީ ވޯޓުގެ ބޭނުމުގައި ސިޙުރުހެދުން އިންތިހާއަށް ގިނަވެފައިވާ ދުވަސްވަރެއްކަމުން، މިފަދަ ސިޙުރު އެންމެ ގިނައިން ހަދާއުޅޭނީ، ވޯޓުފޮށިތައް ބަހައްޓާ ތަންތަނަށް ކަމުން، ވޯޓުފޮށިތައް ބަހައްޓާ ތަންތަނުގައި ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓެވުމަށް ފުލުހުންނަށް ގޮވާލަމެވެ. އަދި މިކަމުގެ އެންމެހާ އިންތިޒާމެއް ޒިއްމާދާރުކަމާއިއެކު ކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލަމެވެ.

ސިޙުރާއި އެންމެހާ ނުރައްކާތަކަކުން ސަލާމަތްވުމަށްޓަކައި، ﷲ ގެ ދީނަށް ރުޖޫޢަވުމަށް އެންމެހާ ދިވެހި ލޮބުވެތި އަޚުންނާއި އުޚްތުންނަށް ނަޞޭޙަތްތެރިވަމެވެ. ފަރުޟު ފަސްނަމާދަށް ރައްކާތެރިވެ، ހެނދުނާއި ހަވީރުގެ ދުޢާތަކާއި ގެއަށް ވަދެ ނުކުތުން ފަދަ ކަންކަމުގައި ކިޔުމަށް އައިސްފައިވާ ދުޢާތަކާއި ޛިކުރުތަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ނަޞޭޙަތްތެރިވަމެވެ. އަދި ކައިބޮއެ އުޅުމުގައި ﷲގެ އިސްމުފުޅުން ކައިބޮއެ ހެދުމާއި، މީހަކު ކާއެއްޗެއް ދީފިނަމަވެސް އެކަމަށްޓަކައި ކުރަންޖެހޭ ދުޢާކޮށް ﷲ ގެ ކިބައިން ރައްކާތެރިކަމަށްއެދި ކައިބޮއެ ހެދުމަށް ނަޞޭޙަތްތެރިވަމެވެ. އަޅުގަނޑުމެންނަށް ސަލާމަތާއި ރައްކާތެރިކަން ވަނީ ޤުރުއާނާއި ސުންނަތުގައި ހިފުމުންނެވެ. ރައްކާތެރިކުރައްވާ ފަރާތަކީ މާތް ﷲ އެވެ. އަދި އެންމެ މަތިވެރި އެންމެބާރުގަދަ ފަރާތަކީ މާތް ﷲ އެވެ. މާތްﷲ އަޅަމެން އެންމެނަށް ހިދާޔަތުދައްކަވާ ރައްކާތެރިކުރައްވާށިއެވެ. އާމީން.

3 ސެޕްޓެމްބަރު 2013

ބަޔާން މުރާޖަޢާކުރެއްވީ: އައްޝެއިޚް ޢަލީ އިބްރާހީމް

މިބަޔާނުގައި ސޮއި ކުރައްވާފައިވަނީ ޖަމްޢިއްޔާގެ ރައީސް އަޖްނާދު ޢަލީ އެވެ.

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު