ޒިކުރު ކުރުމުގެ މާތްކަން

ދުޢާކުރުމަކީ ވަރަށްމާތް އަޅުކަމެކެވެ. ދުޢާކުރުމުގެ މާތްކަމާބެހޭގޮތުން ވަރަށް ގިނަ އާޔަތްތަކާއި ޙަދީޘްފުޅުތައް ވާރިދުވެގެން އައިސްފައިވެއެވެ. ފަހެ ދުޢާއަކީ ޒިކުރެކެވެ. މާތްﷲ މަތިން ހަނދުމަކުރުމެކެވެ. އެކަލާނގެ މަތިން ހަނދުމަކުރާމީހާގެ މަތިން އެކަލާނގެ ހަނދުމަކުރައްވައެވެ. އަދި އެކަލާނގެ އެމީހެއްގެ މަތިން ހަނދުމަކުރެއްވުމުގެ ނަތީޖާއަކީ އޭނާގެ ބޭނުންތައް ފުއްދަވައިދެއްވުމެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.  { فَاذْكُرُ‌ونِي أَذْكُرْ‌كُمْ وَاشْكُرُ‌وا لِي وَلَا تَكْفُرُ‌ونِ} )سورة البقرة  152 )  “ފަހެ ތިޔަބައިމީހުން ތިމަން ﷲ ހަނދުމަކުރާށެވެ. އޭރުން ތިމަން ﷲ ތިޔަބައި މީހުން ހަނދުމަކުރައްވާހުށީމެވެ. އަދި ތިޔަބައި މީހުން ތިމަން ﷲ އަށް ޝުކުރުވެރިވާށެވެ. އަދި ތިމަން ﷲއަށް ތިޔަބައިމީހުން ކާފިރުނުވާށެވެ.”

Close Ad X

{ يَا أَيُّهَا الَّذِينَ آمَنُوا اذْكُرُ‌وا اللَّـهَ ذِكْرً‌ا كَثِيرً‌ا} (سورة الأحزاب 41 ) “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ގިނަވެގެންވާ ހަނދުމަކުރުމަކުން ﷲ ތަޢާލާ ހަނދުމަކުރާށެވެ.”

{وَالذَّاكِرِ‌ينَ اللَّـهَ كَثِيرً‌ا وَالذَّاكِرَ‌اتِ أَعَدَّ اللَّـهُ لَهُم مَّغْفِرَ‌ةً وَأَجْرً‌ا عَظِيمًا } (سورة الأحزاب 35) “ގިނަގިނައިން  ﷲ ތަޢާލާ ހަނދުމަކުރާ ފިރިހެނުންނާއި އަދި ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރާ އަންހެނުން ދަންނައެވެ. އެބައިމީހުންނަށްޓަކައި  ﷲ ތަޢާލާ ފާފަފުއްސެވުމާއި މަތިވެރިވެގެންވާ އަޖުރު ތައްޔާރުކުރެއްވުއެވެ.”

{ وَاذْكُر‌ رَّ‌بَّكَ فِي نَفْسِكَ تَضَرُّ‌عًا وَخِيفَةً وَدُونَ الْجَهْرِ‌ مِنَ الْقَوْلِ بِالْغُدُوِّ وَالْآصَالِ وَلَا تَكُن مِّنَ الْغَافِلِينَ} (سورة الأعراف 205) “އަދި ތިބާގެ ނަފްސުގައި މަޑުމޮޅިކަމާއި ބިރުވެތިކަމާއި އަދު އަޑުއުފުލުމެއްނެތި ހެނދުނާއި ހަވީރު ތިބާގެ ވެރި ރަސްކަލާނގެ ހަނދުމަކުރާށެވެ. އަދި ޣާފިލުވި މީހުންގެ ތެރެއިން ތިބާ ނުވާށެވެ.”

އަދި رَسُولُ الله صَلّي الله عَلَيْهِ  وَسَلّمَ  ޙަދީޘްކުރެއްވިއެވެ. “އެމީހަކު ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެ ހަނދުމަކުރާ މީހާއާއި އަދި އެމީހަކު ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެ ހަނދުމަނުކުރާ މީހާގެ މިސާލަކީ ދިރިހުރި މީހަކާއި މަރުވެފައިވާ މީހެއްގެ މިސާލެވެ.”

رواه البخاري އަދި  مسلم ގައި ރިވާވެގެން ވެއެވެ. “އެގެއެއްގައި ﷲ ހަނދުމަކުރެވޭ ގެއަކާއި އެގެއްގައި ﷲ ހަނދުމަނުކުރެވޭ ގޭގެ މިސާލަކީ ދިރިހުރިމީހަކާއި މަރުވެފައިވާ މީހެއްގެ މިސާލެވެ.”)

އަދިވެސް رَسُولُ الله صَلّي الله عَلَيْهِ  وَسَلّمَ  ޙަދީޘްކުރެއްވިއެވެ.

“ތިޔަބައި މީހުންގެ ޢަމަލުތަކުގެ ތެރެއިން އެންމެ ހެޔޮ ޢަމަލަކީ ކޮބައިކަމާއި، އަދި ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ޙަޟްރަތުގައި އެންމެ ޠާހިރުކަންބޮޑު ޢަމަލަކީ ކޮބައިކަމާ، އަދި ތިޔަބައިމީހުން ދަރަޖަތަކުގައި އެންމެ އުފުލިގެންވާ ޢަމަލަކީ ކޮބައިކަން ތިމަންކަލޭގެފާނު ތިޔަބައި މީހުންނަށް ވިދާޅުވެދެއްވަންހެއްޔެވެ؟ އެކަމަކީ ތިޔަބައިމީހުންނަށް ރަނާއި ރިހި ހޭދަކުރުމަށްވުރެވެސް  ހެޔޮވެގެނވާ ކަމެކެވެ. އަދި ތިޔަބައިމީހުންގެ ޢަދުއްވުންނާއި ތިޔަބައިމީހުން ބައްދަލުކޮށް އެބައިމީހުންގެ ކަރުތައް ކަނޑައި އަދި އެބައި މީހުން ތިޔަބައިމީހުންގެ ކަރުތައް ކެނޑުމަށްވުރެވެސް ތިޔަބައިމީހުންނަށް ހެޔޮވެގެންވާކަމެކެވެ. ޞަޙާބީން ދެންނެވިއެވެ. އާދޭހެވެ! ވިދާޅުވެދެއްވާށެވެ! ޙަދީޘްކުރެއްވިއެވެ. އެއީ ﷲ އަށް ޒިކުރު ކުރުމެވެ. (رواه الترمذي وابن ماخه وصخحه اللأالباني)

އަދި ޤުދުސީ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. رَسُولُ الله صَلّي الله عَلَيْهِ  وَسَلّمَ  ޙަދީޘްފުޅުކުރެއްވިއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. “ތިމަން ﷲ ވޮޑިގެންވަނީ ތިމަން ﷲގެ އަޅާ ތިމަން ﷲއާ ދޭތެރޭ ހީކުރާގޮތެއްގެ މަތިންނެވެ. އޭނާ ތިމަން ﷲ ހަނދުމަކުރާ ހިނދު ތިމަން ﷲ ވޮޑިގެންވަނީ އޭނާއާ އެކުގައެވެ. ފަހެ އޭނާގެ އަމިއްލަ ނަފްސަށް އޭނާ ތިމަން ﷲ ހަނދުމަކޮށްފިނަމަ ތިމަން ﷲވެސް އޭނާ ހަނދުމަކުރައްވާހުށިކަމެވެ. އަދީ އޭނާ ޖަމާޢަތެއްގެ ތެރޭގައި ތިމަން ﷲ ހަނދުމަކޮށްފިނަމަ އެޖަމާޢަތަށްވުރެ ހެޔޮ ޖަމާޢަތެއްގައި އޭނާ ހަނދުމަކުރައްވާހުށީމެވެ. އަދި އޭނާ ތިމަން ﷲއާ ކައިވަތަކަށް ކުއްތަން ވެއްޖެނަމަ  ތިމަން ﷲ އޭނާއާ މުށަކަށް ކައިރިވެވޮޑިގަންނަވާހުށީމެވެ. އަދި އޭނާ ތިމަން ﷲއާ މުށަކަށް ކުއްތަންވެއްޖެނަމަ ތިމަން ﷲ އޭނާއާ ބޮމަކަށް ކައިރިވެވޮޑިގަންނަވާހުށީމެވެ. އަދި އޭނާ ތިމަންރަސްކަލާނގެ ޙަޟްރަތަށް ހިނގާފައި އައިސްފިނަމަ ތިމަންރަސްކަލާނގެ އޭނާގެ ކައިރިއަށް އެއަށްވުރެ ހަލުއިކޮށް ވޮޑިގަންނަވާހުށިމެވެ. (رواه البخاري و مسلم واللفظ للبخري.

(މި ޙަދީޘްފުޅުގައި ﷲ، އަޅާއާ ކައިރިވެވޮޑިގަތުމުގެ މުރާދަކީ އެކަލާނގެ، އަޅާއަށް ޘަވާބު ގިނައިން ދެއްވުމެވެ. އެބަހީ އޭނާ ގިނައިން ﷲ ހަނދުމަކޮށްފިނަމަ އަދި ހެއުޢަމަލާގެން އެކަލާނގެ ޙަޟްރަތަށް ކުއްތަންވެއްޖެނަމަ އެކަލާނގެ، އޭނާއަށް ގިނައިން ޘަވާބުދެއްވާނެއެވެ.))

އަދި މާތްﷲ ރުއްސުންލެއްވި ޢަބްދުﷲ ބުނު ޢައްބާސް ގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން މީހަކު ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ! ހަމަކަށަވަރުން ދީނުގެ ޙުކުމްތައް އަހަރެމެންގެ މައްޗަށް  ގިނަވެގެންވެއެވެ. ފަހެ އަހަރެން އެކަމެއްގައި ވަރުގަދަޔަށް ހިފަހައްޓާނޭކަމެއް އަހަރެންނަށް ބުނެދެއްވާށެވެ. حديث ފުޅުކުރެއްވިއެވެ. “ތިބާ ގެ ދޫ އަބަދުވެސް ﷲ އަށް ޒިކުރުކުރުމުގައި ތެތްކޮށް ބަހައްޓާށެވެ.” (رواه الترمذي وابن ماخه وصخحه اللأالباني)

އަދިވެސް رَسُولُ الله صَلّي الله عَلَيْهِ  وَسَلّمَ  ޙަދީޘްފުޅުކުރެއްވިއެވެ. ” ﷲގެ ފޮތުން އެންމެ އަކުރެއް ކިޔައިފި މީހާއަށް އޭގެ ސަބަބުން ހެޔޮކަމެއް ވެއެވެ. އަދި ކޮންމެ ހެޔޮ ކަމަކީ ދިހަ ހެޔޮކަމެވެ. {الم}  އަކީ އެންމެ އަކުރެކޭ ތިމަންކަލޭގެފާނު ވިދާޅެއްނުވަމެވެ. އެކަމަކު އަލިފަކީ އަކުރެކެވެ. ލާމަކީ އަކުރެކެވެ. އަދި މީމަކީ އަކުރެކެވެ.” (رواه الترمذي وصخحه اللأالباني)

އަދި މާތްﷲ ރުއްސުންލެއްވި عقبة بن عامر ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رَسُولُ الله صَلّي الله عَلَيْهِ  وَسَلّمَ  އެއްދުވަހަކު ގެއިން ނުކުމެވަޑައިގެންފިއެވެ. އޭރު އަހުރެމެން ވަނީ صُفَّة ގައެވެ. ފަހެ އެކަލޭގެފާނު حديث ފުޅުކުރެއްވިއެވެ. “ތިޔަބައިމީހުންގެ ތެރެއިން، ކޮންމެ ދުވަހަކު بطْحاَن އަށް ނުވަތަ عقيق އަށް ގޮސް އެތަނުން އެއްވެސް ފާފައަކާނުލައި އަދި އެއްވެސް ގުޅުމެއް ނުކަނޑައި ބޮޑު ގޮންގަނޑުލީ ދެ ޖަމަލު ހިފައިގެން އައުމަށް ލޯބިކުރަނީ ކާކުހެއްޔެވެ؟ އަދި މިސްކިތަށް ގޮސް ﷲ ގެ ފޮތުން ދެ އާޔަތް ކިޔަވައިދިނުމާއި ނުވަތަ ދެ އާޔަތް ކިޔުން އޭނާއަށް ދެ ޖަމަލަށްވުރެ ހެޔޮކަން ބޮޑުވެގެންވެއެވެ. އަދި ތިން އާޔަތް އޭނާއަށް ތިން ޖަމަލަށްވުރެ ހެޔޮކަން ބޮޑެވެ. އަދި ހަތަރު އާޔަތް ހަތަރު ޖަމަލަށްވުރެ ހެޔޮކަން ބޮޑެވެ. އަދި އާޔަތުގެ ޢަދަދު ގިނަވުން އެޢަދަދުގެ ޖަމަލަށްވުރެ އެޔޮކަން ބޮޑުވެގެންވެއެވެ. (رواه مسلم)

އަދިވެސް رَسُولُ الله صَلّي الله عَلَيْهِ  وَسَلّمَ  حديث ފުޅުކުރެއްވިއެވެ. “މަޖިލީހެއްގައި އިށީނދެ، އެތާނގައި ﷲ ގެ ޒިކުރު ނުކޮށްފި މީހާ ދަންނައެވެ. އޭނާގެ މައްޗަށް ﷲގެ ޙަޟްރަތުން ގެއްލުމާއި ހަލާކުވެއެވެ. (رواه أبوداود. وصححه الألباني)

އަދިވެސް رَسُولُ الله صَلّي الله عَلَيْهِ  وَسَلّمَ  حديث ފުޅުކުރެއްވިއެވެ. “އެއްވެސް ބަޔަކު މަޖިލީހެއްގައި، ﷲ އަށް ޒިކުރުނުކޮަށް އަދި އެބައިމީހުންގެ ނަބިއްޔާގެ މައްޗަށް ޞަލަވާތް ނުކިޔަވައިފިނަމަ އެބައި މީހުންގެ މައްޗަށް ގެއްލުމާއި ހަލާކު ނުވާގޮތަށް އެ މަޖިލީހުގައި އެބައި މީހުން ނުއިށީނދެއެވެ. ފަހެ ﷲ އިރާދަކުރައްވައިފިނަމަ އެބައި މީހުންނަށް ޢަޛާބުދެއްވައެވެ. އަދި އެކަލާނގެ އިރާދަކުރައްވައިފިނަމަ އެބައި މީހުންނަށް ފާފަ ފުއްސަަވައިދެއްވައެވެ.” (رواه الترمذي وصخحه اللأالباني)

އަދިވެސް رَسُولُ الله صَلّي الله عَلَيْهِ  وَسَلّمَ  حديث ފުޅުކުރެއްވިއެވެ. “އެއްވެސް ބަޔަކު މަޖިލީހެއްގައި ﷲ އަށް ޒިކުރުނުކޮށްފިނަމަ އެމަޖިލީހުން އެބައިމީހުން ތެދުވާހިނދު، މަރުވެފައިވާ ހިމާރެއްގެ މަސްގަނޑުފަދަ އެއްޗަކުން ތެދުވާ ބަޔަކުކަމުގައި މެނުވީ ނުވެއެވެ. އަދި އެބައި މީހުންނަށް ހިތާމަވެރިކަން ހުއްޓެވެ. (رواه أبوداود وأحمد وصححه الألباني.)

ވީމާ، އަހަރުމެން އެންމެންވެސް މަސައްކަތް ކުރަންވީ މާތްﷲ ގެ ރުހިވޮޑިގަތުން ލިބިގެންވާ ގިނަގިނައިން ޒިކުރުތައްކޮށް ޙެޔޮ ޢަމަލުކުރުން މަތީގައި ފައިތިލަ ސާބިތުކޮށްގެން ތިބޭ އަޅުތަކުންގެތެރޭގައި ހިމެނޭތޯއެެވެ.

މަސްދަރު:ޙިޞްނުލްމުސްލިމް

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު