އެސްފީނާއޭ ބުނުމުން މިއަދު މަޖާވާހަކައަކަށް ވެދާނެއެވެ. ބައެއްމީހުން ތިއީ މުސްކުޅި ބޯދާވާހަކަތަކޭބުނެ މަލާމާތްވެސް ކޮށްފާނެއެވެ. އެހެނެއްކަމަކު އެބައިމީހުން އެމަލާމާތްކުރަނީ އެހެން ބުނާ މީހާއަކަށް ނޫނެވެ. ﷲ އާއި އެކަލާންގެ ރަސޫލާއަށްކަން ކަށަވަރެވެ. ސަބަބަކީ މިއީވެސް ކީރިތި ޤުރުއާނާއި ސުންނަތުން ސާބިތުވާ ކަމަކަށްވާތީއެވެ.
އެސްފީނާއަކީ އަނެކާއާ ދިމާއަށް ބަލާ ބެލުމެއްގެ ސަބަބުން އެ ބެލެވުނު ފަރާތަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބުމެވެ. އެސްފީނާގެ ތަޢުރީފުގައި އިބްނުލް ޤައްޔިމް ވިދާޅުވެފައިވެއެވެ. ” އެސްފީނާއަކީ އެއްޗަކާމެދު ޤަބޫލުވެވޭހިނދު، އެމީހާގެ ނަފްސުގެ ނުބައިކަން އެ އެއްޗަކަށް އަމާޒުވެ، އެއްޗަކާ އަޅައިގަނެ، އެނަފްސުގެ ވިހަ އެބަލައިލެވޭ އެއްޗަކަށް ފޯރުވާ ފޯރުވުމެވެ. ”
އިބްނު މަންޒޫރު ވިދާޅުވެފައިވާ ގޮތުގައި އެސްފީނާއަކީ ” ލޮލުގެ ވިހަ އެއްޗަކަށް އަމާޒުވެ، އެ އެއްޗަކަށް ގެއްލުންލިބުމެވެ. މިގޮތުން ޢަދާވާތްތެރިއަކު އޭނާއާ ދިމާއަށް ބަލާ ބެލުމެއްގެ ނަތީޖާއެއްގެ ގޮތުން އެ ބެލެވުނު ފަރާތް “ބަލިވެ” އެވެ. ”
އަލްހާފިޒު އިބްނު ޙަޖަރު ވިދާޅުވެފައިވެއެވެ. ” އެސްފީނާ އަކީ އެދުންވެރިކަމާއެކު އެއްޗަކަށް ބަލައިލާ ބަލައިލުމެއްގެ ސަބަބުން، އޭނާގެ ނުބައި ނަފްސުގެ ޠަބީޢަތުގައިވާ ވިހަކަމުގެ އަސަރު އެއެއްޗަކަށް ފޯރައި، އެކަމުގެ ސަބަބުން އެއަށް ގެއްލުން ލިބޭ ލިބުމެވެ. “.
އެސްފީނާ ޖެހެނީ ހަމައެކަނި އިޚްތިޔާރަކުނޫނެވެ. ގަސްތުގައާއި ބޭއިޚްތިޔާރުގައިވެސް އެސްފީނާ ޖެހެއެވެ. ޙަސަދަވެރިއަކު ޙަސަދަވެގެން ނުވަތަ ގަސްތުގައި އެސްފީނާ އެޅުމުގެ ގޮތުން ބަލާ ބެލުމުންނާއި ނޭނގި ބެލޭ ބެލުމުން ނުވަތަ ބުނެވޭ ބަހުންވެސް އެސްފީނާއެއް ޖެހިދާނެއެވެ. މިއަދު މިޒަމާނުގައި ގިނައީ ޙަސަދަވެރީންކަމާއިމެދަކު އެއްވެސް ޝައްކެއްނެތެވެ. އެސްފީނާ އާއިމެދު އެތައް ދަލީލެއް ވެއެވެ.
މާ ﷲ ވަޙީކުރެއްވި ބަސްފުޅެއްގައި ވެއެވެ.
وَقَالَ يَا بَنِيَّ لَا تَدْخُلُوا مِن بَابٍ وَاحِدٍ وَادْخُلُوا مِنْ أَبْوَابٍ مُّتَفَرِّقَةٍ ۖ وَمَا أُغْنِي عَنكُم مِّنَ اللَّـهِ مِن شَيْءٍ ۖ إِنِ الْحُكْمُ إِلَّا لِلَّـهِ ۖ عَلَيْهِ تَوَكَّلْتُ ۖ وَعَلَيْهِ فَلْيَتَوَكَّلِ الْمُتَوَكِّلُونَ [ سورة يوسف : 67 ] މާނައީ: ” އަދި އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ދަރިންނޭވެ! ތިޔަބައިމީހުން (އެތަނަށްގޮސް) އެއްދޮރޯއްޓަކުން ނުވަންނާށެވެ! އަދި ތަފާތު ދޮރޯށިތަކަކުން ވަންނާށެވެ! އަދި اللَّه ގެ حضرة ން ތިޔަބައިމީހުންނަށް އެއްވެސްކަމެއް ތިމަންނާއަކަށް ފުއްދައެއް ނުދެވޭނެތެވެ. اللَّه އަށް މެނުވީ حكم ކުރެއްވުމެއް ނެތެވެ. ތިމަންކަލޭގެފާނު وكيل ކުރައްވަނީ، އެކަލާނގެއަށެވެ. އަދި وكيل ކުރާމީހުން ހަމައެކަނި އެކަލާނގެއަށް وكيل ކުރާހުށިކަމެވެ! ”
މުފައްސިރުންގެ ގިނަބޭކަލުން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި ޔޫސުފްގެފާނުގެ އަޚުންނަކީ ބުރުސޫރަ ރީތިވެގެންވާ އަޚުންތަކެކެވެ. އެހެންކަމުން އެބައިމީހުންނަށް އެސްފީނާގެ އަސަރެއް ކޮށްފާނެކަމަށް ޔައުޤޫބުގެފާނު ބިރުފުޅުގެން ވަޑައިގަތްގަތުމަކީ އެސްފީނާއަކީ އޮތް އެއްޗެއްކަން ދަލީލުކުރާ ކަމެއްކަމުގައެވެ. އަދިވެސް ﷲ ވަހީކުރެއްވި ބަސްފުޅެއްގައި ވެއެވެ.
وَإِن يَكَادُ الَّذِينَ كَفَرُوا لَيُزْلِقُونَكَ بِأَبْصَارِهِمْ لَمَّا سَمِعُوا الذِّكْرَ وَيَقُولُونَ إِنَّهُ لَمَجْنُونٌ﴿٥١﴾ وَمَا هُوَ إِلَّا ذِكْرٌ لِّلْعَالَمِينَ ﴿٥٢﴾ [سورة القلم : 51-52] މާނައީ: ” كافر ވި މީހުން قرآن ގެ އަޑު އެހިހިނދު، އެއުރެންގެ ބެލުންތަކުން ކަލޭގެފާނު ކައްސުވާލައި، ވައްޓައިލުމާ ގާތްކުރެތެވެ. އަދި އެއުރެން ބުނެތެވެ. ހަމަކަށަވަރުން، އެކަލޭގެފާނީ މޮޔައެކެވެ. عالم ތަކަށް ހަނދާންކޮށްދިނުމެއްކަމުގައި މެނުވީ އެ قرآن ނުވެއެވެ. ”
އިބްނު ޢައްބާސާއި، މުޖާހިދާއި، އެހެން ބައެއް ބޭކަލުން ވިދާޅުވެފައިވާ ގޮތުގައި ” އެއުރެންގެ ބެލުންތަކުން ކަލޭގެފާނު ކައްސުވާލައި، ވައްޓައިލުމާ ގާތްކުރެތެވެެ ” އޮތް ބަސްފުޅުގެ މުރާދަކީ އެއުރެންގެ އެސްފީނާ ޖެހުމެވެ. ﷲ ގެ އިޛްނަފުޅާ ލައިގެން އެސްފީނާއަކީ އޮތް އެއްޗެއްކަމުގެ މައްޗަށް މި އާޔަތުން ދަލީލު އެބަލިބެއެވެ.
އެސްފީނާގެ ނުރައްކާތެރިކަން ވަރަށްވެސް ބޮޑެވެ. އަބޫހުރައިރާ ރަޞިޔަﷲ ޢަންހު ރިވާކުރައްވާފައި ވެއެވެ. ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ.
“العَينُ حَقٌّ وَنَهَى عَنِ الْوَشْمِ ” މާނައީ: ” އެސްފީނާއަކީ ޙަޤީޤަތެކެވެ. ” އަދި ޓެޓޫޖެހުން އެކަލޭގެފާނު މަނާކުރެއްވިއެވެ.
ޢައިޝަތުގެފާނު އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
اسْتَعِيْذُوا بِا للهِ مِنَ الْعَيْنِ فَإِ نَّ الْعَيْنَ حَقٌّ
މާނައީ: ” އެސްފީނާއަކީ އޮތް އެއްޗެކެވެ. ފަހެ، ﷲ ގެ ހަޟްރަތުން އެއިން ރައްކާތެރިވުމަށް އެދޭށެވެ! ”
އަބޫޛައްރު ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
إِنَّ الْعَيْنَ لَتُوْلِعُ بِالِّرجُلِ بِإِذْنِ اللهِ حَتَّى يَصْعَدَ حَالِقًا فَيَتَرَدَّى مِنْهُ
މާނައީ: ” މީހާ އުސްފަރުބަދައަކަށް އަރައި ވެއްޓިއްޖައުމަށްދާންދެން ﷲ ގެ އިޛްނަފުޅާލައިގެން އެސްފީނާ އޭނާގެ ފަހަތުން ދެއެވެ. ”
އެސްފީނާގެ ނުރައްކާތެރިކަން މިހާވެސް ބޮޑެވެ. އަދި ރަސޫލާ ވަނީ އެސްފީނާއިން ސަލާމަތްވުމަށް އަންގަވާފައެވެ. އަދި މިކަމަށްޓަކައި ދުޢާތައްވެސް ދަސްކޮށްދެއްވާފައެވެ. އޭގެތެރެއިން ކޮންމެވެސް ވަރެއް ލިޔެލާނަމެވެ.
أَعُوْذُ بِكَلِمَاتِ اللهِ التِّامَّاتِ مِنْ شَرِّمَا خَلَقَ
މާނައީ: ” ﷲ ހެއްދެވި އެންމެހައި ނުބައި ތަކެތީގެ ކިބައިން ރައްކާތެރިވުމަށް ﷲ ގެ ފުރިހަމަވެގެންވާ ބަސްފުޅުތަކުން ރައްކާތެރިކަން ލިބިގަންނަމެވެ. ”
أَعُوْذُ بِكَلِمَاتِ اللهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ وَمِنْ كُلِّ عَيْنٍ لاَمَّةٍ
މާނައީ: ” ﷲ ހެއްދެވި ކޮންމެ ނުބައި އެއްޗެއްގެ ކިބައިންނާއި، ކޮންމެ ވިހަ ޖަނަވާރެއްގެ ކިބައިންނާއި، ކޮންމެ އެސްފީނާއަކުން ރައްކާތެރިވުމަށް ﷲ ގެ ފުރިހަމަވެގެންވާ ބަސްފުޅުތަކުން ރައްކާތެރިކަން ލިބިގަންނަމެވެ. ” ހެނދުނާއި ހަވީރު 3 ފަހަރު މިދުޢާތައް ކިޔުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އިރުޝާދު ދެއްވާފައެވެ.
ހާސިދު ނުވަތަ “ހަސަދަވެރިޔާ” އަކީ ޢާއިން ނުވަތަ “އެސްފީނާވެރިޔާ” އަށްވުރެ ޢާއްމު ބަހެކެވެ. އެހެންކަމުން ސޫރަތުލް ފަލަޤި ގައި ﷲ ގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެވިފައިވަނީ ޙަސަދަވެރިންގެ ނުބައިކަމުންނެވެ.
ހަސަދައަކީ މީހަކަށް ލިބިފައިވާ ނިޢުމަތަކާމެދު އަނެކާގެ ހިތުގައި ނުރުހުންތެރިކަން އުފެދި، އެނިޢުމަތެއް އޭނާގެ ކިބައިން ފިލައި ދިއުމަށް އެދެވޭ އެދުމެވެ. ނަމަވެސް އެސްފީނާއަކީ މީހަކާ ނުވަތަ އެއްޗަކާ ޤަބޫލުވެވި އޭނާގެ ނަފްސުގެ ނުބައިކަން އެމީހަކާ ނުވަތަ އެއްޗަކާއަމާޒުވެ އެ ނުބައިކަން އެ މީހަކާ ނުވަތަ އެއްޗަކާ އަޅައިގަތުމެވެ. މީހާގެ އެސްފީނާ އޭނާގެ އަމިއްލަ މުދަލަކަށް، ނުވަތަ ކުއްޖަކަށް ނުވަތަ ޢާއިލާގެ އެހެން މެމްބަރަކަށް ވެސް އޭނާއަށް އެނގުމެއްނެތި ޖެހިދާނެއެވެ. އެސްފީނާއާއި ޙަސަދަވެރިކަމުގެ ސަބަބުން ލިބެނީ އެއްޒާތެއްގެ އަނިޔާތަކެކެވެ. ﷲ ގެ ކުޅަދުންވަންތަކަމާއި، ތަނަވަސް ޢިލްމުފުޅުން އެކަލާނގެ އިންސާނާ ހައްދަވާފައިވަނީ އޭނާގެ މޫނަކީ އޭނާގެ ފޮރުވަފައިވާ ވިސްނުމާއި ފިކުރުތައް ދައްކުވައިދޭ ލޯގަނޑެއްފަދަ އެއްޗެއްގެ ގޮތުގައި ލެއްވުމަށްފަހުގައެވެ.  ޙަސަދަވެރިޔާ ފާހަގަ ކުރާނެ ގޮތްތަކެއްވެއެވެ. އެގޮތުން ޙަސަދަވެރިޔާގެ ޢަމަލުތަކަކީ:
1-    ޙަސަދަވެރިޔާ ވާނީ ﷲ ގެ މިންވަރުފުޅާމެދު ނުރުހޭ މީހަކަށެވެ.
2-    ޙަސަދަވެރިޔާ ވާހުށީ އޭނާއަށް މުޅި ދުނިޔެ މިލްކުވެފައި ވިއަސް، އަބަދުވެސް ޝަކުވާކުރާ، ﷲ އަށް މަދުފަހަރަކު މެނުވީ ޝުކުރުނުކުރާ މީހަކަށެވެ.
3-    ޙަސަދަވެރިޔާ އޭނާ އެމީހަކާމެދު ޙަސަދަވެރިވާ މީހާގެ ކުށްދެއްކުމާއި، އޭނާގެ ވާހަކަތައް ބޮޑުކޮށްގެން އެހެންމީހުންގެ ކުރިމަތީގައި ދެއްކުމުގައި ޤާއިމްވެހުންނާނެއެވެ.
4-    ޙަސަދަވެރިވެވޭ މީހާގެ ކިބައިން ފެންނަ ރަނގަޅު ސިފަތަކާއި ރަނގަޅު ކަންތައްތައް ވަންހަނާކުރާނެއެވެ.
5-    ޙަސަދަވެރިޔާ އޭނާ މީހަކާމެދު ޙަސަދަވެރިވެވޭ މީހާގެ ކުރިމަތީގައި އޭނާއާ މުޚާތަބުކޮށް ވާހަކަ ނުދައްކާނެއެވެ. އަދި އޭނާއަށް ހިނިތުންވެސް ނުވާނެއެވެ. އަދި އޭނާގެ ކިބައިން މަޖާ މިޒާޖެއް ފެނިގެން ދިއުމުގެ ބަދަލުގައި، ރުޅިވެރިކަމާއި، ނުރުހުމުގެ ކުލަވަރު ނޫނީ ނުފެންނާނެއެވެ.
6-    އެމީހަކާ ޙަސަދަވެރިވެވޭ ފަރާތުގެ މާބޮޑު ކުށެއް ނެތަސް، އޭނާގެ ކުށް ހޯދުމުގައި ޙަސަދަވެރިޔާ ސާބިތުވެހުންނާނެއެވެ.
7-    ޙަސަދަވެރިޔާ ވާހުށީ ޙަސަދަވެރިވެވޭ ފަރާތަށް މާއްދީ، ނުވަތަ ޖިސްމާނީ ގެއްލުމެއް ދެވޭނެ ވަގުތެއްގެ އިންތިޒާރުގައި، އެކަމަށް ބަލަބަލައި ހުންނަ މީހަކަށެވެ.
8-    ޙަސަދަވެރިޔާ އެންމެ ފަހުން ވާހުށީ، އޭނާގެ ހިތުގައި އުފެދިފައިވާ ރުޅިވެރިކަމާއި ޙަސަވެރިކަމުގެ އަސަރު އޭނާގެ މޫނުމަތިން ފެންނަން ހުންނަ މީހަކަށެވެ.
ކީރިތި ރަސޫލާ صلى الله عليه و سلم  ޙަދީޘް ކުރެއްވި ބަސްފުޅެއްގައިވެއެވެ.
لاَ تَحاَسَدُوْ وَلاَ تَقَا طَعُوْا وَلَاَتبَاغَضُوْا وَلَا تَدَابَرُوْا وَكُوْنُوْا عِبَادَ اللهِ إِخْوَانًا
މާނާއީ: ” އެއްބަޔަކު އަނެކަކަށް ޙަސަދަވެރިނުވާށެވެ! އެއްބަޔަކު އަނެއްބަޔަކާ ވަކިވަކިނުވާށެވެ! އެއްބަޔަކު އަނެއްބަޔަކާ ރުޅިނުވާށެވެ! އެއްބަޔަކު އަނެއްބަޔަކަށް ފުރަގަސްނުދޭށެވެ! އޭ ﷲ ގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން އަޚުންތަކެއް ކަމުގައި ވާށެވެ! ”
ކީރިތި ރަސޫލާ صلى الله عليه و سلم  ޙަދީޘްކުރެއްވިއެވެ.
اسْتَعِيْنُوْا عَلَى قَضَاءِ حَوَائِجِكُمْ بِالْكِتْمَانِ فَإِنَّ كُلَّ ذِي نِعْمَةٍ مَحْسُوْدٌ
މާނައީ: ” ތިޔަބައިމީހުންގެ މަޤްޞަދުތައް ޙާޞިލްކޮށް ގަތުމުގައި ރައްކާތެރިވާހުށިކަމެވެ! ފަހެ، ހަމަކަށަވަރުން ކޮންމެ ނިޢުމަތަކީ އެ ނިޢުމަތެއްގެ މައްޗަށް ޙަސަދަވެރިވެވޭ ނިޢުމަތެކެވެ. ”
މާތް ﷲ ވަޙީކުރެއްވިއެވެ.
وَدَّ كَثِيرٌ مِّنْ أَهْلِ الْكِتَابِ لَوْ يَرُدُّونَكُم مِّن بَعْدِ إِيمَانِكُمْ كُفَّارًا حَسَدًا مِّنْ عِندِ أَنفُسِهِم مِّن بَعْدِ مَا تَبَيَّنَ لَهُمُ الْحَقُّ [سورة البقرة : 109 ] މާނައީ: ” ފޮތުގެ أهل ވެރިންގެ ތެރެއިން ގިނަމީހުން، އެއުރެންނަށް حق ބަޔާންވެ އެނގުމަށްފަހުގައި، އެއުރެން އަމިއްލައަށް حسد ވެރިވެގެން، ތިޔަބައިމީހުން إيمان ވުމަށްފަހު އަލުން އަނބުރާ كافر ކަމަށް رجوع ކުރެވޭނެނަމައޭ ހިތައި އެކަމަށް އެދުނެވެ. ”
މިއީ އެސްފީނާއާއި ޙަސަދަވެރިކަމާމެދު ކުޑަ މިންވަރެކެވެ. އެހެން ލިޔުމެއްގައި އެސްފީނާ ޖެހުމުން ކަންތައް ކުރާނެ ގޮތް ﷲ އިރާދަކުރެއްވިއްޔާ ލިޔާނަމެވެ.

Close Ad XGet My Ruqya Android App On Google Play

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު